ގުދަނެއްގެ ފުރާޅުމައްޗަށް ހައްވާ ޔުމްނު ރަޝީދު ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ހައްޔަރުކޮށް ދައުވާ އުފުލި ރައުދު އަހްމަދު ޒިލާލު، ކުށަށް އިއުތިރާފުވުމާ ގުޅިގެން މިއަދު އޭނާއަށް 27 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި އެވެ. ނަމަވެސް، ހުކުމް ތަންފީޒުކުރަން ނުޖެހޭނެ ކަމަށް ކޯޓުން ނިންމެވީ، ހުކުމް އިއްވުމުގެ ކުރިން އޭނާ އެ މުއްދަތަށް ވުރެ ދިގު މުއްދަތެއް ބަންދުގައި ހޭދަކޮށްފައިވާތީ އެވެ. ރައުދު ބަންދުގައި ހޭދަކޮށްފައިވާ މުއްދަތަކީ އެއް މަހާއި ތިން ދުވަހެވެ. މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހިނގި އެ ހާދިސާއާ ގުޅިގެން ރައުދުގެ މައްޗަށް ދައުލަތުން މިދިޔަ ޖޫން މަހު ދައުވާ އުފުލާފައިވަނީ އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއް ނެތި، އެހީތެރިކަން ފޯރުކޮށްނުދިނުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުގައިވާ ގޮތުން މިފަދަ މައްސަލަތަކުގައި އަސާސީ މިންގަނޑުން ބަލާއިރު، އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ. މި މައްސަލައިގެ އަޑުއެހުމެއް މިދިޔަ ހަފުތާ ބޭއްވިއިރު، ރައުދު ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އެހެންކަމުން، މައްސަލަ ބެއްލެވި ގާޒީ ވަނީ އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ އަދަބު ލުއިކޮށްދެއްވުމަށް ނިންމަވައި، 27 ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. ރައުދަކީ ޔުމްނު ވެއްޓުނު އިރު އޭނާއާ އެކު ބުރުޒުމަގުގައި ހުންނަ ހ. ފެންޓެނޯއީ ގޭގެ ސިޑިމަތީގައި އުޅުނު ޒުވާނާ އެވެ. އަދި ފުލުހުން ބުނެފައިވާ ގޮތުގައި އޭނާ ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސްއަށް ޕޮޒިޓިވްވެފަ އެވެ. ރައުދު ހައްޔަރުކުރީ އޭޕްރީލް 25 ވަނަ ދުވަހު އެވެ. އޭނާ ބަންދުގައި ހޭދަކުރި މުއްދަތުތަކަށް ބަލާއިރު، ފުރަތަމަ ފަސް ދުވަސް، ދެން 10 ދުވަސް، އަދި އެއަށް ފަހު ފަސް ދުވަސް ހޭދަކުރި އެވެ. މީގެ އިތުރުން، މެއި 15 ގައި 20 ދުވަހަށް ބަންދު އިތުރުކުރި ނަމަވެސް، މެއި 23 ގައި ބަންދުން ދޫކޮށްލުމަށް ފަހު އަނެއްކާ ވެސް ހަމަ އެ ދުވަހު ހައްޔަރުކުރި އެވެ. އެ މުއްދަތުގައި އޭނާ ބަންދުގައި ހުރީ 8 ދުވަހެވެ. ދެވަނަ ފަހަރަށް ބަންދުން ދޫކޮށްލީ މެއި 28 ގައި ކަމަށްވާއިރު، އެ މުއްދަތުގައި ބަންދުގައި ހުރީ ފަސް ދުވަހު އެވެ. ޖުމްލަ އެއް މަހާއި ތިން ދުވަސް ރައުދު ބަންދުގައި ހޭދަކޮށްފައިވާތީ، އިތުރަށް ޖަލު ހުކުމް ތަންފީޒުކުރާކަށް ނުޖެހޭނެ އެވެ. މި މައްސަލައިގެ ތަހުގީގުގައި ފުރަތަމަ ފުލުހުން ބުނެފައިވަނީ ޔުމްނު ވެއްޓުމުގައި ރައުދު ނުވަތަ އެހެން މީހެއްގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ނަމަވެސް، އޭގެ ފަހުން ރައުދު ހައްޔަރުކުރީ ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ އެވެ. ރައުދު ހައްޔަރުކޮށް ބަންދުކުރަން ނެރުނު ދެވަނަ އަމުރުގައިވާ ގޮތުން، އެ ރޭ ރައުދު އާއި ޔުމްނުއާ ދެމެދު 'ހަމަނުޖެހުމެއް' ވެސް ހިނގާފައިވެ އެވެ. އަދި ޔުމްނު ވެއްޓުނު ކަމަށް ކޮންމެވެސް ބަޔަކު ކައިރީ އޭނާ ބުނިކަން ވެސް އެ އަމުރުން އެނގިފައިވެ އެވެ.
ރައުދަށް 27 ދުވަހުގެ ޖަލު ހުކުމެއް: ބަންދުގެ މުއްދަތުން ދުވަސް ކެނޑުމުން ތަންފީޒުކުރާނެ ދުވަހެއް ނެތް!

300 × 250






ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.