މިއަހަރުގެ ރަމަޟާން މަސް ނިމި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޚާއްޞަ ޖަލްސާ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފިއެވެ. ޑީޖޭއޭ އިން ބުނީ ކުރީ އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ޝައްވާލު މަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމުގެ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ނަމަ ހެކިބަސް އަދާކުރަން ޖެހޭނީ މާލޭގެ ކޯޓެއްގެ ޤާޟީއެއްގެ ކުރިފުޅުމަތީގައެވެ. އަދި އަތޮޅުތެރޭގެ ރަށެއްގައި ނަމަ ހެކިބަސް އަދާކުރާނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅުމަތީގައެވެ. މެޖިސްޓްރޭޓެއް ނެތް ރަށެއްގައި ނަމަ، އެ ރަށެއްގެ ކައުންސިލް އިދާރާ ހިންގެވުމާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިފުޅުމަތީގައި ހެކިބަސް ދެވޭނެއެވެ. ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މިއަދު ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްތަކުގެ އިތުރުން އަތޮޅު ކައުންސިލް އިދާރާތައް ހުޅުވާފައި ހުންނާނެ ކަމަށް ވެސް އެ އިދާރާއިން މައުލޫމާތު ދެއެވެ. ހަނދު ފެނިގެން އެ މައުލޫމާތު ދޭއިރު، ހަނދު ހުރި އުސްމިނާއި މިސްރާބު ފަދަ މުހިންމު ތަފްސީލުތައް ހިއްސާކުރުމަށް ޑީޖޭއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ ހަނދު ސާބިތުކުރުމުގައި ބޭނުންވާ ފަންނީ މައުލޫމާތުތަކެއް ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ފިތުރު އީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. ނަމަވެސް އީދު ދުވަސް ރަސްމީކޮށް ކަނޑައަޅާނީ މިރޭ ބާއްވާ ހަނދު ސާބިތުކުރުމުގެ ޖަލްސާއަށް ފަހުގައެވެ.
މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ

300 × 250







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.