ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ގެނައި އިސްލާހާއެކު، އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ގެންނަ ބިދޭސީންގެ ކޯޓާފީ، 20 ކޯޓާއާ ހަމައަށް ދައްކަން ނުޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ. މި ބަދަލާއެކު ރާއްޖޭގެ އެތައް ހާސް ވިޔަފާރިތަކަކަށް ބޮޑު މާލީ ލުޔެއް ލިބިގެންދާނެއެވެ. މިދިޔަ އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ގެޒެޓްކޮށްފައިވާ މި އިސްލާހާ އެއްގޮތަށް، މިއަދުން ފެށިގެން އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް މި ލުއި ވިޔަފާރިތަކަށް ލިބޭނެއެވެ. މިއީ މިދިޔަ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާ އެކު ބޭއްވެވި ބައްދަލުވުމުގައި އެ ފަރާތްތަކުން ހުށަހެޅި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ނިންމެވި ނިންމެވުމެކެވެ. ސަރުކާރުގެ މި ނިންމުމުގެ ސަބަބުން ގާތްގަނޑަކަށް 30,000 އަށްވުރެ ގިނަ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޯޓާ ފީގެ ލުއި ލިބިގެންދާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އާންމު އުސޫލުން ރާއްޖެއަށް ބިދޭސީން އެތެރެކުރުމަށް ކޯޓާ ފީގެ ގޮތުގައި ކޮންމެ ކޯޓާއަކަށް އަހަރަކު 2,000 ރުފިޔާ ދައްކަން ޖެހެއެވެ. މި ލުއި ދިނުމުގައި ނިޒާމުގެ ނަހަމަ ބޭނުން ހިފުން ހުއްޓުވުމަށްޓަކައި ހަރުދަނާ ފިޔަވަޅުތަކެއް ވެސް ވަނީ އަޅާފައެވެ. އެގޮތުން، އިންސާނީ ވަގުފާރިއަށް މަގުފަހިވާ ގޮތަށް މި ލުއި ބޭނުން ކުރިޔަ ނުދިނުމަށްޓަކައި، އެއް ހިއްސާދާރެއް ނުވަތަ މަސްއޫލުވެރިއެއް ނުވަތަ ޕާޓްނަރުން ހިމެނިގެން ހިންގާ އެކި ވިޔަފާރިތަކަށް މި ލުއި ތަކުރާރު ނުވާނެ ގޮތަށް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ. މި ބަދަލާ ގުޅިގެން ވަޒީފާ ދޭ ފަރާތްތަކުން އަމަލުކުރަންޖެހޭ ގޮތްތައް ބަޔާންކުރާ ޔޫސާ ގައިޑްލައިންތައް މިހާރު އެކްސްޕެޓް ސިސްޓަމްގައި ޝާއިއު ކުރަމުންދާނެ ކަމަށް ސަރުކާރުން ބުނެއެވެ. މިއީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިޒާމީ ގޮތެއްގައި މި ދާއިރާގައި ހުރި މައްސަލަތައް ހައްލުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ. ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އިޤްތިޞާދުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް އަދާކުރާ ދައުރު ފުޅާކޮށް، އެފަދަ ވިޔަފާރިތަކަށް ކުރިމަތިވާ މާލީ އަދި އިދާރީ ހުރަސްތައް ނައްތާލުމެވެ.