ހުވަދު އަތޮޅު އުތުރުބުރީ ކޮނޑޭ ގައި ލޯކަލް ޓުވަރިޒަމްގެ ވިޔަފާރިއަށް ހެދި ފުރަތަމަ ގެސްޓް ހައުސް "ސަން ކޮރަލް މޯލްޑިވްސް" އަށް ފަތުރުވެރިން އަންނަން ފަށައިފިއެވެ. "ސަން ކޮރަލް މޯލްޑިވްސް" ހުޅުވުމާއި އެ ގެސްޓް ހައުސްއަށް ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިން އައުމާ ގުޅިގެން ހުވަދޫ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގެސްޓް ހައުސްގެ މަރކެޓިންގް އޮފިސަރ ވިޝާން ޙަސަން ވިދާޅުވީ ސަން ކޮރަލް މޯލްޑިވްސް އަށް ޒިޔާރަތް ކުރި ފަތުރުވެރިންނަށް އިއްޔެ ވަނީ ވަރަށް ހޫނު މަރުހަބާއެއް ކިޔާފައި ކަމަށާއި ކޮނޑޭ ގައި ލޯކަލް ޓުއަރިޒަމް ތައާރަފް ވެގެން ދިއުމަކީ ހުވަދު އަތޮޅަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.
"ސަން ކޮރަލް މޯލްޑިވްސް އަށް ނުވަތަ ކޮނޑޭ އަށް ޒިޔާރަތް ކުރި ފުރަތަމަ ފަތުރުވެރިންނަށް މިވަނީ ވަރަށް ހޫނު މަރުހަބާ އެއް ކިޔާފަ. މިކަމުގައި ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ކުރިޔަށް އޮތް ތަނުގައި ވެސް އަޅުގަނޑު މެން މިކަން ކުރާނީ ވަރަށް ބޮޑަށް ފަތުރުވެރިން ޝައުޤު ވެރިވާ ގޮތަށް. ގެސްޓުން ތިބީ ވަރަށް ހިތްހަމަޖެހިފައި" މިޝާން ވިދާޅުވިއެވެ.
ގއ ކޮނޑޭ ގައި ފުރަތަމަ ހުޅުވި ގެސްޓް ހައުސް އަކީ 4 ކޮތަރީގެ ތަނެކެވެ. މީގެ 6 އަހަރު ކުރިން ފެށިގެން އަމިއްލަ ފަރާތަކުން އެއްވެސް ލޯނެއް ނުނަގައި ހަދަން ފެށި މި ތަން ނިންމާފައި ވަނީ ފަތުރުވެރިންނަށް ވަރަށް ބޮޑަށް ޚާއްޞަ ކޮށް ވަރަށް ފުރިހަމަކޮށެވެ.

ކޮނޑޭ ގައި މިވަގުތުވެސް ލޯކަލް ޓުވަރިޒަމް ވިޔަފާރިއަށް ޚާއްސަ ކޮށް އިތުރު ގެސްޓް ހައުސް ތައް ދަނީ ހަދަމުން ކަމަށް މައުލޫމާތު ލިބެއެވެ. އަދި އަންނަ އަހަރުން ފެށިގެން ފަތުރުވެރި ކަމަށް ޚާއްޞަ ކޮށްގެން ރަށުގެ ވަކި ސަރަހައްދަކުން ބިން ދޫކުރުމަށް ކައުންސިލުން ވަނީ ނިންމަވާފައެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.