ހަނދާނުގެ ސޮފުހާތަކަށް އަންނަނީ ދިވެހިންގެ ތެރޭގައި އޮތް އަޙްވަންތަކަމުގެ ގުޅުމަށެވެ. ކަމަކަށް ބޭނުންވެއްޖެ ހިނދު އެހީގެ އަތްތައް ކިތަންމެހާވެސް ގިނައެވެ. އެއްބަޔަކު އަނެއްބަޔަކަށްދޭ ސަދަޤާތުގެ ހިނިތުންވުމެވެ. ދިވެހީންގެ މެދުގައި އޮތް ދީނީ އާދައެވެ. ބަލައި ފޫހިނުވި ފުރިހަމަ ސަޤާފަތްތަކެވެ. ނަމަވެސް ދިވެހިންގެ ތެރެއަށް އުފަންވި ޒަމާނުގެ ވަސީލަތްތަކާއިއެކު ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ ކުލަ ފަނޑުވެއްޖެއެވެ. ތަޢާރަފްވި ގިނަގުނަ ފަސޭހަ މުއާސަލާތްތަކުންނެވެ.
މިއަދު މަގުތަކުންނާއި، ގޭގެ ޖޯލިތަކުންނާއި، ގޭގެ ސިޓިންރޫމްތަކުން ފެންނަމުންދަނީ މި ކިޔާ " ސްމާޓްފޯން" ތަކުގެ އަވައިގައި ޖެހިފައިވާ ތަނެވެ. އެކުގައި ހީސަމާސާކޮށް އުޅުނު ރީތި މަންޒަރު ކޮބައި ހެއްޔެވެ؟ މައިންބަފައިންވެސް ދަރިންވެސް މެއެވެ. ސޯޝިއަލްމީޑިޔާގައި ކޮންމެވެސް ސްޓޯރީއެއް އަޕްޑޭޓް ކުރުމުގައެވެ. އެކިމީހުންނާއި ޗެޓްކޮށް ފަޅުކަން ފިލުވައިލުމުގައެވެ. މިއަދު ކޮފީއަކަށް އަރައިފިކަމުގައި ވިޔަސް ކައިރީގައި އިންނަ މީހާއަކީ ނެތް މީހެއް ފަދައެވެ. ދައްކާ ވާހަކައެއް ނެތެވެ. ހާލެއް ބެލުމެއް ނެތެވެ.
އާއިލާގެ އެންމެން ކައްކައި އެއްވާ އެއްވުން ހަނދާނަށް އާދެއެވެ. ކަމަކާއިމެދު މަޝްވަރާއެއް ކުރިއަސް އަދި ކަމަކާއިމެދު ގޮތެއް ނިންމިއަސް ނިންމާނީ މިފަދަ އެއްވުންތަކުންނެވެ. ނަމަވެސް މިއަދު އާއިލާގެ މީހަކަށް ކަމެއް ވާކަމެއްވެސް ގިނަފަހަރު ނޭގެއޭ ބުނުމަކީ ދޮގަކަށް ނުވާނެވެ. ގިނަ އާއިލާއަކުންވެސް މަސައްކައްކުރަނީ އާއިލީ އެއްވުންތަކާއި ދުރުވެ އެމީހަކު ކެއްކި އެއްޗެއް ވައިބާރުން ނުވަތަ އެނޫންވެސް ޕްލެޓްފޯރމްއަކުން ފޮޓޯ ފޮނުވާލުމަށެވެ. ފަހަރުގައި މިކަމަކީ އެއިގެ ރަހަ ލިބޭކަމެއް ކަމުގައިވެސް ވެދާނެވެ. ހޮޅުއަށީގެ މަންޒަރުތައްވެސް މިފަދައެވެ. ޖޯޝާއި ފޯރީގައި ހޮޅުއަށީގައި ހޭދަކުރި ވަޤުތުތައް މިއަދަކު ފެންނާކަށް ނެތެވެ. އެއިގެ ބަދަލުގައި ވީޑީއޯ ކޯލަކުން ފުދެއެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.