2023 ވަނަ އަހަރު ނިމޭއިރު ދިވެހި ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އެއްކޮށް ހުސްވެ، ދައުލަތުގެ ދަރަނި ނުދެއްކި ޤައުމު ބަނގަރޫޓުާ ހިސާބަށް ގޮސްދާނެ ކަމަށް ދުނިޔޭގެ އެންމެ ބޮޑު އިންވެސްޓްމެންޓް ބޭންކް ޖޭޕީ މޯގަން ޗޭސް އިން ދީފިއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ދުނިޔޭގެ އިގްތިސާދަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ގުޅޭ ގޮތުން އެކުލަވާލި އެނެލިސިސްއެއް ޖޭޕީމޯގަން އިން އިއްޔެ ވަނީ އާންމުކޮށްފައެވެ. އެމެރިކާގެ އެންމެ ބޮޑު ބޭންކު ކަމަށްވާ ޖޭޕީމޯގަންގެ އެނެލިސްގައިވާ ގޮތުން، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ބޮޑެތި ދަރަނިތަކެއް ނަގާފައިވާ ގައުމުތަކުގެ ގާތްގަނޑަކަށް %10 ގައުމަށް ދަރަނީގެ މައްސަލަތައް މި އަހަރުގެ ތެރޭގައި ކުރިމަތިވާނެއެވެ. މި ރިޕޯޓުގައި އަލިއަޅުވާލާފައިވާ 52 ޤައުމަށްވެސް ދަރަނި ދެއްކުމުގައި ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައިވާއިރު އޭގެތެރެއިން 8 ޤައުމެއްގެ ރިޒާވް އަންނަ އަހަރުގެ ނިޔަލަށް ހުސްވެ ދަރަނި ނުދެއްކިދާނެ ކަމުގެ ބިރު ބޮޑުކަމަށް އެ ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ. އެ ޤައުމުތަކުގެ ލިސްޓުގައި 1 ވަނައަށް އަވަށްޓްރި ސްރީ ލަންކާ އޮތް އިރު ދެވަނަ އަށް އޮތީ ދިވެހިރާއްޖެއެވެ. ސްރީލަންކާ މިހާރުވަނީ ބޭރު ޤައުމުތަކަށް ދަރާފައިވާ ދަރަނި ނުދެއްކި ސޮވެރިން ޑިފޯލްޓަކަށް ދިޔަކަން އިއުލާންކޮށްފައެވެ. ދެން އެ ލިސްޓުގައި ހުރި ޤައުމުތަކަކީ، ބަހާމާސް، ބެލީޒް، ސެނެގާލް، ރުވާންޑާ، ގްރެނޭޑާ އަދި އިތިއޯޕިއާއެވެ.

ޖޭޕީމޯގަންގެ އެނެލިސިސްގައިވާ ގޮތުން، ތަރައްގީވަމުން އަންނަ ގައުމުތަކުގެ ތެރެއިން ބޮޑެތި ދަރަނިތަކެއް ނަގާފައިވާ ގައުމުތަކުގެ ގާތްގަނޑަކަށް %10 ގައުމަށް ދަރަނީގެ މައްސަލަތައް މި އަހަރުގެ ތެރޭގައި ކުރިމަތިވާނެ އެވެ. އޭގެ ސަބަބުތަކެއްގެ ގޮތުގައި އެ ބޭންކުން ފާހަގަކުރީ:
1- އާންމު ބާޒާރުތަކުން ދަރަންޏަށް ފައިސާ ހޯދުމުގެ އަގު (އިންޓްރެސްޓް ރޭޓު ފަދަ ކަންކަން) ބޮޑުވަމުން ދިއުން
2- ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް ބޮޑުވުމުގެ ސަބަބުން ބަޖެޓުގެ ދަރަނި އިތުރުވަމުން ދިއުން
3- ގައުމަށް ވަންނަ ފައިސާއަށް ވުރެ ބޭރުވާ ފައިސާގެ މިންވަރު މަތިވަމުން ގޮސް، އޭގެ ފަރަގު ބޮޑުވަމުން ދިއުން
4- ރަޝިޔާ-ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަސާސީ ކާބޯތަކެއްޗާއި ތެލުގެ ސަޕްލައި އަށް ބުރޫއެރުމާ އެކު، އެފަދަ ތަކެތީގެ އަގުތައް މައްޗަށް ދިއުން
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު 2021 ވަނަ އަހަރު ނިމުނު އިރު ދައުލަތުގެ ދަރަނި ވަނީ 91.4 ބިލިއަނަށް އަރާފައެވެ. އޭގެ ތެރެއިން 50 ބިލިއަނަކީ އެތެރޭގެ ދަރަންޏެވެ. އަދި 41 ބިލިއަން ރުފިޔާ އަކީ ބޭރުގެ ދަރަންޏެވެ. މީގެ ތެރޭގައި އަދި ދައުލަތުން ސޮވެރިން ގެރެންޓީ ދީފައިވާ ދަރަނި ނުހިމެނެއެވެ. ފިނޭންސް މިނިސްޓްރީން މާޗު މަހު އާންމުކުރި ދައުލަތުގެ ދަރަނީގެ ހިސާބުތައް ދައްކާ ގޮތުން، މިދިޔަ އަހަރު ނިމުނު އިރު، ރާއްޖޭގެ ޖުމްލަ ދަަރަންޏަކީ 94 ބިލިއަން ރުފިޔާ އެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ މަހު އާންމުކުރި ތަފާސްހިސާބުތަކުގައި ވާ ގޮތުން މާޗް މަސް ނިމުނު އިރު، ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަކީ 865.2 މިލިއަން ޑޮލަރެވެ. ރައީސް ސޯލިހް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދައުލަތުގެ ޖުމްލަ ދަރަނީގެ ގޮތުގައި ހުރީ 47.9 ބިލިއަން ރުފިޔާއެވެ. ވެރިކަމުގެ ފުރަތަމަ 3 އަހަރު ނިމުނު އިރު ދަރަނި ވަނީ 43 ބިލިއަން ރުފިޔާއިން އިތުރުވެ 91.4 ބިލިއަނަށް ވަނީ އަރާފައެވެ. އަދި ރައީސް ސޯލިހްގެ 5 އަހަރުގެ ދައުރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 98 ބިލިއަނަށް އަރާނެ ކަމަށް މިސަރުކާރުގެ ފިނޭންސް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ.
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.