1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
މަޢުލޫމާތު

އެސްފީނާ; ދެނެގަނެ ސަމާލުވަމާ

thumb-1920-814638
ޢާއިޝަތު ޝިރުހާނާ
4,049ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

އެސްފީނާއަކީ އަނެކާއާއި ދިމާލަށް ބަލާ ބެލުމެއްގެ ސަބަބުން ނުވަތަ ދެކެވޭ ވާހަކަތަކެއް ސަބަބުން އެބެލެވުނު ފަރާތަށް ގެއްލުމެއް ލިބުމެވެ.


އެސްފީނާއާއި ބެހޭގޮތުން އިބުނުލްޤައްޔިމް ވިދާޅުވެފައިވެއެވެ. "އެކަމުގެ އަޞްލަކީ އެބަހީ އެސްފީނާގެ އަޞްލަކީ އެސްފީނާ ޖައްސާ މީހާ އެއްޗަކާ ނުވަތަ ކަމަކާއި މެދު އަޖާޢިބު ވުމެވެ. ދެން އެއަށްފަހު އޭނާގެ ނަފްސުގެ ނުބައިކަން އެކަމާއި މެދު ފާރަވެރިވެއެވެ. ދެން އެ ނަފްސްގެ ނުބައި ވިހަ ލޮލުގެ ޒަރީޢާއިން އެއެއްޗަކަށް ވާޞިލްވެއެވެ."'

300 × 250


އެސްފީނާ ޖެހެނީ ހަމައެކަނި އިޚްތިޔާރަކުނޫނެވެ. ގަސްތުގައާއި ބޭއިޚްތިޔާރުގައިވެސް އެސްފީނާ ޖެހެއެވެ. ޙަސަދަވެރިއަކު ޙަސަދަވެގެން ނުވަތަ ގަސްތުގައި އެސްފީނާ އެޅުމުގެ ގޮތުން ބަލާ ބެލުމުންނާއި ނޭނގި ބެލޭ ބެލުމުން ނުވަތަ ބުނެވޭ ބަހުންވެސް އެސްފީނާއެއް ޖެހިދާނެ އެވެ.

މިސާލަކަށް ކުޑަކުއްޖަކު ރީތިކަމުން މީހަކު، މީނަ ހާދަ ރީއްޗޭ!، ނުވަތަ ހާދަލޯބިކުއްޖެކޭ!، މިފަދަ ގޮތަކަށް ޙައިރާންކަމާއެކު، ނުވަތަ ޙައިރާން ކަމާއެކު ނުލާވެސް ބުނާއިރު، “މާޝާ ﷲ(ﷲ އިރާދަކުރެއްވީތީއެވެ / ﷲ އިރާދަކުރެއްވިގޮތެވެ)” މިފަދައިން ނުބުނެއްޖެނަމަ އެބުނި ބުނުމުގެ ސަބަބުން އެކުއްޖާއަށް އެސްފީނާގެ އަސަރުކޮށްފާނެއެވެ. އެސްފިނާވެސް ޖެހެނީ ﷲގެ އިރާދަފުޅުންކަމުގައި އަހަރެމެން ޤަބޫލުކުރަން ޖެހެއެވެ. އަދި އެސްފީނާ ޖެހެނީ ހަމައެކަނި އިންސާނުންގެ ފަރާތަކުން ނޫނެވެ. އިންސާނުންނާއި ޖިންނީންގެ ފަރާތުންވެސް އެސްފީނާ ޖެހިދާނެއެވެ.

އެސްފީނާ ޖެހުނުކަން ދެގޮތަކުން ދެނެގަނެވިދާނެއެވެ. އެއީ

1- ޢަލާމާތްތަކުގެ އަލީގައި

2- ރުޤްޔާ ކިޔަވައިގެން

300 × 250

މިގޮތުން:

1- އަލާމާތްތަކުގެ އަލީގައި އެސްފީނާ ޖެހުނުކަން ދެނެގަންނާނެގޮތް:

އެސްފީނާ ޖެހުމުން އެކިފަހަރު، އެކިމީހުނަށް ދިމާވާނީ އެކި ގޮތެވެ. މިގޮތުން ބައެއް އެސްފީނާއަކީ އެއެސްފީނާ ޖެހޭވަގުތު، އިތުރު ފަރުވާއެއް ކުރާނެ ފުރުޞަތު ނުލިބޭ ވައްތަރެކެވެ. އެއީ މިސާލަކަށް، އެސްފީނާގެ އަސަރު ވަގުތުން ޖެހި މީހަކު މަރުވުން، ތަނެއް ނުވަތަ އެއްޗެއް ފުނޑުފުނޑުވުން ނުވަތަ ހަލާކުވުން ކަހަލަ ކަމެކެވެ. އަނެއް ޙާލަތަކީ އެސްފީނާ ޖެހުމުން އެކަމަށް ފަރުވާކުރާނެ ފުރުޞަތު ލިބޭފަދަ ޙާލަތެވެ. މިސާލަކަށް، ކުޑަކުއްޖަކާ ދިމާއަށް މީހަކު، މީނަ ހާދަރަނގަޅަށް ކައޭ، ބުނާފަހުން އެކުއްޖާ ނުކާން ފެށުން ކަހަލަ ކަމެއް ދިމާވުން ނުވަތަ މީހަކު ބަލިވުން، ނުވަތަ ގައިގެ ހަމަށް ގެއްލުމެއް ވުން ފަދަ ކަންކަމެވެ.

ފަރުވާކުރެވޭ ނުވަތަ ދެނެގަނެވޭ ޙާލަތުގައި އެސްފީނާގެ ސަބަބުން ފެންނާނެ ބައެއް ޢަލާމާތްތަކަކީ:

1- ލޮލުގައި އާދަޔާ ޚިލާފަށް ރިއްސުން

2- ލޮލުން ދިލަނެގުން

300 × 250

3- ލޮލުން ހޫނުއެރުން

4- ލޮލުން އިރުއިރުކޮޅާ ފެން އައުން

5- އަވަސް އަވަހަށް އަބަދު އެސްފިޔަ ޖެހޭގޮތްވުން

6- ލޮލުގެ ކުލަ ރީނދޫވުން ނުވަތަ ފެހިކުލަ އެރުން (ޚާއްޞަކޮށް ކުޑކުދިންނަށް އެސްފީނާ ޖެހުމުން)

7- ބޮލުގައި ރިހުން

8- ބުރަކަށިން ހޫނުއެރުން ނުވަތަ އަބަދުހެންވެސް ބުރަކަށި ވަކިން ގަދަޔަށް އުދާސްވެފައި ހުރުން.

9- ވާނުވާއެއް ނޭނގި ވަރުބަލިވުން / އަބަދުހެންވެސް ވަރުބަލިކަން ނުފިލާ ހުރުން

10- ކުރިން ކުރަމުން އައި ކަމެއް ކުއްލިއަކަށް މީހަކު ކުރާ ތަޢުރީފަކަށްފަހު ކުރުމަށް ނުކުޅެދުން ނުވަތަ ކުރެވޭ ގޮތް ނުވުން.

11- މީހަކު ތަޢުރީފުކުރިފަހުން އެތަޢުރީފުކުރި ކަމެއްގައި ގެއްލުން ވާންފެށުން ނުވަތަ އެތަޢުރީފު ރައްދުކުރި މީހާ ބަލިވުން

12- އާދަޔާ ޚިލާފަށް ގައި ކެހުން

13- ގައިގެ ހަން ރަތްވެ، ކަހާ، އާދަޔާޚިލާފަށް ބިހިނެގުން ފަދަ ކަމެއް ދިމާވެ ބޭހުންވެސް ރަނގަޅުނުވެ ވާނުވާ ނޭނގޭފަދައިން މިފަދަ ކަމެއް ދިމާވުން.

14- ކުޑަ ކުއްޖަކަށް އެސްފީނާ ޖެހުމުން، އާދަޔާ ޚިލާފަށް ރޮއެ، ރޭގަނޑު ނުނިދާ، ނުކައި، ނުވަތަ މައިމީހާގެ ގާތުން ނުބުއިން ފަދަ ކަންކަން ދިމާވެއެވެ.

މިއީ މައިގަނޑުގޮތެއްގައި ފެންނަ ބައެއް ޢަލާމާތެވެ. އެސްފީނާއަކީ އޭގެ ސަބަބުން ކޮންމެ ކަމެއްވެސް ދިމާވެދާނެ އެއްޗެކެވެ. އެހެންކަމުން ޢަލާމާތުގެ ގޮތުގައި ހުރިހާކަމެއް ލިޔަންވެއްޖެނަމަ ކިޔާ މީހަކަށް ޝައްކާއި ވަހުމް ވަދެ، އޮޅުން އަރާފާނެކަމަށްޓަކައި، އެސްފީނާ ޖެހުމުން ފެންނާނެ ނުވަތަ ދެނެގަނެވޭނެ މައިގަނޑު މުހިއްމު ޢަލާމާތްތައް އެކަނި ލިޔެލުމަށްފަހު ކުރުކޮށްލީއެވެ. ޖިންނީގެ ފަރާތުން އެސްފީނާ ޖެހިއްޖެނަމަ، ޖިންނި އަވަލުމުން ފެންނަ ޢަލާމާތްތައްވެސް ޢާއްމު ގޮތެއްގައި ފެންނާނެ އެވެ.


ނޯޓް: މިޢަލާމާތްތަކުގެ ތެރޭގައި ހިމެނޭ، މީހާގެ ހަށިގަނޑަށް ދިމާވާ ފިޒިކަލް (މާއްދީ) ކަންކަމަކީ، ޑޮކްޓަރީ،(ބޭސްވެރިކަމަކަށް) / މެޑިކަލް ކަމަކަށް ވުންވެސް އެކަށީގެންވެއެވެ. އެހެންކަމުން ހަމައެކަނި އެއްމެ ޢަލާމާތެއްގެ މައްޗަށް ބަރޯސާވެ އެއީ އެސްފީނާކަމުގައި ބަލައިގެން ނުވާނެއެވެ. ނަމަވެސް މެޑިކަލް ސަބަބެއްނެތި އެކަން ދިމާވާނަމަ، ނުވަތަ ރުޤްޔާ ކިޔެވުމުން އެއުނދަގޫ ބޮޑުވާނަމަ، އަދި މިޢަލާމާތްތަކުގެ ތެރެއިން ގިނަކަންކަން ދިމާވާނަމަ އެސްފީނާ ކަމުގައި ބަލައި ފަރުވާ ކުރެވިދާނެއެވެ.


2- ރުޤްޔާ ކިޔަވައިގެން: ތިރީގައި މިބަޔާންކުރަނީ ސުންނަތުން ޘާބިތުވާ ބައެއް ދުޢާތަކާއި ކީރިތި ޤުރުއާނުގެ އާޔަތްތަކުގެ މައްޗަށް އެކުލަވާލާފައިވާ ކުރު ރުޤްޔާއެކެވެ. މިރުޤްޔާ އެސްފީނާ ޖެހިފައިހުރިތޯ ބެލުމަށް އަމިއްލައަށް ކިޔަވާށެވެ. ތަކުރާރުކޮށް ކިޔަވާށެވެ. ނުވަތަ އަނެކާއަށް އެސްފީނާ ޖެހިފައިހުރިތޯ ބެލުމަށް، އެސްފީނާ ޖެހިފައިކަމަށް ޝައްކުވާމީހާ ކައިރީ އަޑުއިވޭވަރަށް ކިޔަވާށެވެ. މިގޮތުން 7 ފަހަރު ނުވަތަ އެހެންވެސް އޮނަހިރި ޢަދަދުގެ މިންވަރަކަށެވެ. 7 ފަހަރު ކިޔެވުން ލާޒިމެއް ނޫނެވެ. އެއްފަހަރު ނުވަތަ ދެފަހަރު ނުވަތަ 3 ފަހަރު ކިޔެވުމުންވެސް ޢަލާމާތްތައް ފާޅުވެއްޖެނަމަ ހުއްޓާލެވިދާނެއެވެ. ކިޔެވުމުން، ހަށިގަނޑަށް އުނދަގޫތައްވާނަމަ އެސްފީނާ ޖެހިފައިހުރިކަން ޔަޤީންވީއެވެ.

ކިޔަވަމުންދާއިރު ފެނިދާނެ ބައެއް ޢަލާމާތްތަކަކީ:

1- ލޮލުގައި ގަދަޔަށް ރިހުން

2- ލޮލުން ފެން އަންނަން ފެށުން

3- އާދަޔާ ޚިލާފަށް ގައި ކަހަން ފެށުން

4- ބުރިކަށިން ނުވަތަ އުނަގަނޑުން ހޫނުއެރުން

5- ބޮލަށް ބަރުވުން ނުވަތަ ބޮލުގައި ރިހުން.

6- ބަނޑަށް ތަދުވުން ނުވަތަ ގައިގެ އެހެން ތަނެއްގައިވިޔަށް ރިހުން.

ކިޔަވަން ފަށާއިރު ހަށިގަނޑަށް ނުވާ އުނދަގުލެއް، ނުވަތަ އިސްވެ ބަޔާންވެދިޔަ ފަދަ އުނދަގުލެއް ކިޔަވަމުންދާވަރަކަށް ވާނަމަ އެސްފީނާ ޖެހިފައި ހުރީއެވެ.


ނޯޓް: މިރުޤްޔާގައިވާ ދުޢާތައް އެވަނީ އަމިއްލަ ނަފްސުގެ މައްޗަށް ކިޔަވާ ޢިބާރާތުންނެވެ.

މާތް ﷲ އަޅުގަނޑުމެން އެންމެން އެސްފީނާއާއި އެހެންވެސް އިތުރު މުޞީބާތްތަކާއި ބަލިތަކުން ސަލާމަތްކުރައްވާށިއެވެ. އަދި ޙާލުގައި ޖެހިފައިވާ، ނުވަތަ ވާނުވާނޭނގި ގޮތްހުސްވެފައިވާ އެސްފީނާޖެހިފައިވާ އަހުލުވެރީންނަށް މިލިޔުމުގެ ސަބަބުން ހެޔޮމަގު ދައްކަވައި، މީގެ އެންމެ ހެޔޮ ފައިދާ މިންވަރުކުރައްވާށިއެވެ.

އަބޫޛައްރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

” إِنَّ الْعَيْنَ لَتُولِعُ بِالرَّجُلِ بِإِذْنِ اللَّهِ ، حَتَّى يَصْعَدَ حَالِقًا ثُمَّ يَتَرَدَّى مِنْهُ ”

މާނައީ: ” މީހާ އުސްފަރުބަދައަކަށް އަރައި ވެއްޓިއްޖައުމަށްދާންދެން ﷲ ގެ އިޛްނަފުޅާލައިގެން އެސްފީނާ އޭނާގެ ފަހަތުން ދެއެވެ."

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި