ބޭރުގެ ބަނދަރުތަކުން އައްޑޫއަށް މުދާ އުފުލުމަށް ގަތް ބޯޓުން މުދާ ހިފައިގެން ކުރި ފުރަތަމަ ދަތުރުގައި އައްޑޫގައި ބަނދަރުކޮށްފިއެވެ.

އައްޑޫ ސިޓީއަށް ބައިނަލްއަގުވާމީ ބަނދަރުތަކުން މުދާ އެތެރެކޮށް ބައިނަލްއަގުވާމީ ބަދަރުތަކާ ގުޅާދިނުމުގެ ގޮތުން މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ގަތް ބޯޓުގެ ފުރަތަމަ ދަތުރުގައި އައްޑޫގެ ސަރަހައްދީ ބަނދަރުގައި މިވަނީ ބަނދަރުކޮށްފައެވެ.

އެމްއެސްއެސްއިން ބުނީ އޯޕަލް އަކީ 105 ކޮންޓެއިނާ އުފުލޭ ބޯޓެއް ކަމަށެވެ. އެ ބޯޓަކީ ކްރޭން ހަރުކޮށްފައިވާ އުޅަނދެކެވެ. އަދި މިކަމުގެ ސަބަބުން ހިތަދޫ ޕޯޓް ލިމިޓެޑުގެ ދަށުން ހިންގާ ސަރަހައްދީ ބަނދަރުގައި ކްރޭން ނެތުމުގެ ސަބަބުން މުދާ ބޭލުމުގައި ދިމާވާ ދަތިތަކަށް ވެސް ހައްލު ލިބޭނެ އެވެ.

އޯގަސްޓް މަހު ގަތް "އެމްއެސްއެސް އޯޕަލް"ގެ ނަން ދީފައިވާ އެ ބޯޓަކީ ބޭރުން އައްޑޫ އަތޮޅަށް މުދާ އުފުލާ ބޯޓެއްކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގް (އެމްއެސްއެސް)އިން ބުންޏެވެ. އައްޑޫއަށް މުދާ ގެންދާނީ މާލެ ކޮމާޝަލް ބަނދަރަށް ޓްރާންސިޓް ކުރުމަށްފަހުއެވެ. އެބޯޓުން ކޮންމެ ދިހަ ދުވަހަކުން އައްޑޫއަށް ދަތުރުކުރާނެއެވެ. އެ ބޯޓު ދަތުރުކުރާނީ މާލެ، ހިތަދޫ، ކޫއްޑޫ، މާލެ ރޫޓުންނެވެ.

މި ބޯޓުގެ ދަތުރުތައް ފަށާފައިވާއިރު، ދަތުރުތަކަށް ބުކް ކުރުމުގެ ފުރުސަތު މިހާރު އެ ކުންފުނިން ވަނީ ހުޅުވާލައިފަ އެވެ.