އެލައިޑް އިންޝުއަރަންސަށް 40 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކ. ހިންމަފުށީގައި ކިކްއޯފް އިވެންޓެއް އިއްޔެ ކުރިއަށް ގެންގޮސްފިއެވެ. "ޑައިވް40" ގެ ނަމުގައި ބޭއްވުނު މި އިވެންޓުގައި ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައެވެ.
މި އިވެންޓުގައި މޯލްޑިވްސް އެކަޑެމީ އޮފް ޑައިވިންގ އާއެކު އެވެއަރނެސް ސެޝަނެއް އަދި "ޑައިވް އަގެއިންސްޓް ޑެބްރީ" ގެ ހަރަކާތެއް ހިންގުނެވެ. މީގެ އިތުރުން ހިންމަފުށީ ކައުންސިލާއި ސްކޫލް އަދި ގެސްޓް ހައުސްތައް ގުޅިގެން ހިންމަފުށީ މަލަމަތި ސާފުކުރުމުގެ ހަރަކާތެއްވެސް ކުރިއަށް ގެންދެވުނެވެ. މި ހުރިހާ ހަރަކާތްތަކުގައިވެސް އެލައިޑުގެ މެނޭޖްމަންޓާއި މުވައްޒަފުން އަމަލީގޮތުން ބައިވެރިވިއެވެ.
އެލައިޑުން މަޢުލޫމާތު ދެއްވިގޮތުގައި މި އިވެންޓުގެ ތެރެއިން ޖުމްލަ 790.06 ކިލޯގެ ކުނި ކަނޑުންނާއި އެއްގަމުން އެއްކުރެވުނެވެ. އެލައިޑުން ފާހަގަކުރެއްވި ގޮތުގައި މިއީ ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ގިނަ ކުނި އެއްކުރެވުނު ކަމެއް ނަމަވެސް، މިއީ ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ މަސައްކަތުގެ ބޮޑުކަން ދައްކުވައިދޭ ކަމެކެވެ.
އެލައިޑުން އިތުރަށް ހާމަކުރެއްވި ގޮތުގައި މި އިވެންޓުން އެއްކުރެވުނު ޕްލާސްޓިކް ކުނި ބޭނުންކޮށްގެން ދިވެހި ފަންނުވެރިއަކު ތައްޔާރުކުރާ ޚާއްޞަ އުފެއްދުމެއް، އަންނަ ފެބްރުއަރީގައި ބޭއްވޭ މޯލްޑިވްސް މެރިން އެކްސްޕޯ 2025 ގައި ފީޗަރކުރުމަށް ވކުރުމަށް ވަނީ ނިންމާފައެވެ.
އެލައިޑް އިންޝުއަރަންސްގެ އަހަރީ ދުވަހަކީ ޖަނަވަރީ 30 ވަނަ ދުވަހެވެ. ނަމަވެސް މިއަހަރަކީ 40 އަހަރު ފުރޭ އަހަރު ކަމަށްވުމާއެކު، އަހަރުތެރެއަށް ބަހާލައިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތަށް ނިންމުމުގެ މަޤްޞަދަކީ ކުންފުނީގެ ތަރައްޤީއަށް ރައްޔިތުން ދެއްވާ އިތުބާރާއި ޔަޤީންކަމާއެކު، ކުންފުނިން ހޯދާފައިވާ 40 އަހަރުގެ ކުރިއެރުން ވީހާވެސް ގިނަ ރައްޔިތުންނާ ހިއްސާކުރުމެވެ.







ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.