ހއ. ދިއްދޫގައި އިމާރާތްކުރަމުންދާ 75 ހައުސިންގ ޔުނިޓުގެ މަސައްކަތުގެ 83 އިންސައްތައަށްވުރެ ގިނަ މަސައްކަތް ނިމިފައިވާކަމަށް މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

ދިއްދޫ ހިއްކި ސަރަހައްދުގައި ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް މިހާރު ވަނީ 83.2 އިންސައްތައަށް ނިމިފައެވެ. މި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ކުރިން ވަނީ ބުނެފައެވެ.

120 މިލިއަން ރުފިޔާގެ އަގުގައި އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން އިމާރާތްކުރަމުންދާ ޔުނިޓުތަކަކީ ދެ ފަންގިފިލާގެ ރޯހައުސް އުސޫލުން އިމާރާތްކުރެވޭ ތަންތަނެވެ. ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރިއާއި، ތިން ފާޚާނާއާއި، ސިޓިންގ ރޫމާއި، ބަދިގެއާއި، ކާގެއާއި، ލޯންޑްރީ އަދި ސްޓޯރ ރޫމް ހިމެނެއެވެ.

5000 އާ ގާތްކުރާ އާބާދީއެއް ދިރިއުޅޭ ދިއްދޫއަކީ ބޯހިޔާވަހިކަމުގެ ދަތިކަން ބޮޑު ރަށެކެވެ. މި 75 ހައުސިންގ ޔުނިޓަށް ކުރިމަތިލުމަށް ހުޅުވާލި އިރު އެއްހާހާ ގާތްކުރާ އަދަދެއްގެ ފަރާތްތަކުން ވަނީ ފޯމު ހުށަހަޅާފައިކަމަށް ދިއްދޫ ކައުންސިލުން މަޢުލޫމާތު ދެއެވެ.

ދިއްދޫގައި މީގެ ކުރިން ވަނީ 250 ހައުސިންގ ޔުނިޓް އިމާރާތްކޮށް ނިންމާފައެވެ. އެ ޔުނިޓުތަކުގައި މިހާރު ވަނީ މީހުން ދިރިއުޅެން ފަށާފައެވެ.