ހަނދާން މާޒީގެތާރީޚާ ގުޅާލީމާ ކަރުނައޮހިދޭ
ތަދާހޫނާއެކީ ޤައުމިއްޔަތުގެ ރޫޙެއް އިތުރުކޮށްދޭ
މިޤައުމާ މާތްވި ދީނުގެ ޙައްގުގައި ޤުރުބާން ވެދިޔަ ބަޠަލުން މިގައުމުގެ ފަސްގަނޑަށް އޮހޮރުއްވި ލޭފޮދު ހަނދުމަ އާކޮށްދޭ
ފުރެތިކާލުންގެ ބިޔަ ބޮޑު ލަޝްކަރާ ދެއްވެވި ހިނދުން ޙަމަލާ
އަރިހު ތިބި ލަޝްކަރީން ފިލި ގޮތް ތަޞައްވަރު ކުރެވެމުން އަދުދޭ
"ޝަހީދޭ ނަޞްރެކޭ ނޫނީ މިތާކު ނުވޭ ސަފުން ދެރައެއް"
ޝަހީދުޢަލީގެ ބަސްފުޅު ޖައްވުގައި ނަޣަރާވެ އިވެމުންދޭ
ފުރާނަފުޅަށް ވުރެން އިސްކަން އެދެއްވީ ލޯބިވާ ގައުމަށް
ބިރާ ޖެހިލުންވުމާ ދުރުގައި ކުރެއްވި ޖިހާދު ފެނިގެންދޭ
ވިމާތް އިސްލާމު ދީނާ ލޯބިވާ ވަޠަނުގެ ޙިމާޔަތުގައި
އަމާޒު ކުރަން ފުރާނަ މެޔާ ޒުވާނުން ދިވެހި ބިން ނެރެދޭ
ޙުސައިން އާދަމްގެ ނަން ދިވެހިންގެ ތާރީޚުން ފަވާލެވުނީ
އަސަރު ނުފިލާ ޖިހާދުންނޭ ޝަހީދުގެ ދަރަޖަ ލިބިގެންދޭ
ނުވޭ ވަޒަނެއް ލިބޭނެ ގޮތެއް ވަށައިގެން ދުޝްމިނުންނެ ތިބީ
ލެޔޭ ޠާހިރު އޮހޮރި ދިޔައީ އެފާރުން ސޫރަ ކުރަހައިދޭ
އިލާހީ ޔާއިލާހި މާތް އެބަޠަލުންނަށް ސުވަރުރުގޭގައި
ފިލައި ނުމެދާނެ ނިޢުމަތް ދާއިމަށް ނުނިމޭނެ ދެއްވާނދޭ
ނުދޭށޭ ކައިވަތެއް އަކަ އިންޗިއެއް ވެސް ލޯބިވެތި މި ބިމުން
ވެދޭށޭ މިފަދަ އަގުހުރި މާތް ދަރިންނަށް ގައުމު ގޮވަމުންދޭ
ޝަހީދުންގެ ދުވަސް
1 ޝަޢުބާން 1444
21 ފެބްރުއަރީ 2023
=ރަޝީދާ އިބްރާހީމް=
ޚިޔާލު
އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.