1280 × 720 (16:9)
އާދިއްތަ16 އޯގަސްޓު 2026
ހުވަދޫ މީޑިއާ
ރިޕޯޓް

ޒުވާން ހާފިޒުންނާއި ޚަޠީބުން: މުޖުތަމައުގެ އުންމީދީ އަލިގަދަ ދަންމަރު ތަކެއް!

ހާފިޒުން ދަސްވެނިވުން. އިނާމު ދެއްވުމަށް ކުރިއަށް ގެންދިޔަ ޖަލްސާގެ ތެރެއިން--
މުހައްމަދު އަޚްތަރު
2,967ބަލައިފަ
ފޮންޓް ސައިޒް
އާދައިގެ

ކީރިތި ޤުރުއާނަކީ މުސްލިމުންގެ ދިރިއުޅުމުގެ ދަސްތޫރެވެ. ދިވެހިރާއްޖެ ފަދަ ސައްތަ އިންސައްތަ އިސްލާމީ ގައުމެއްގައި، ޤުރުއާނަށް ލޯބިކުރާ، އެ ފޮތުގެ ތައުލީމަށް އަހުލުވެރި ޖީލެއް ބިނާކުރުމަކީ ގައުމީ އަދި ދީނީ ބޮޑު މަސްއޫލިއްޔަތެކެވެ. ފަހަކަށް އައިސް ރާއްޖޭގައި ފެންނަމުންދާ އެންމެ އުފާވެރި އެއް މަންޒަރަކީ، ވަރަށް ޅަ އުމުރުގައި ކީރިތި ޤުރުއާން ހިތުދަސްކޮށް، ހާފިޒުންގެ ދަރަޖަ ހޯދަމުންދާ ޒުވާނުންގެ އަދަދު އިތުރުވަމުންދާ މަންޒަރެވެ. މިއީ މުޖުތަމައަށް ލިބިގެންދާ ނުހަނު ބޮޑު ބަރަކާތެކެވެ. އުންމީދީ އަލި ދަންމަރެއްވެސް މެއެވެ.

ޒުވާން ހާފިޒުންނަކީ ހަމައެކަނި ޤުރުއާން ހިތުދަސްކުރާ ބައެއް ނޫނެވެ. އެއީ ދީނީ އިލްމުގެ މައިގަނޑު އަސާސް ކަމުގައިވާ ކީރިތި ޤުރުއާން އެ ހިތްތަކުގައި ރައްކާކޮށްގެން ތިބި، މުޖުތަމައުގެ ނަމޫނާ ބައެކެވެ. މި ޒުވާނުންގެ ހުނަރާއި އިލްމުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށްޓަކައި، އެ ފަރާތްތަކަކީ މިސްކިތްތަކުގެ މިންބަރުތަކުގައި ހުކުރު ޚުޠުބާ ކިޔައި، އިމާމުވެ ނަމާދުކުރާނެ "ޒުވާން ޙަތީބުން" ކަމުގައި ހެދުމަކީ މިއަދު ދައުލަތުން ނުހަނު އިސްކަންދޭ ކަމެކެވެ.

300 × 250

ދަސްވެނިވުނު ކުދިންނަށް އިނާމާއި ހަނދާނީ ފިލާ ދެއްވުން----ފޮޓޯ ރައީސްއޮފީސް

ޙަތީބުން ތަމްރީން ކުރުމުގެ މަސައްކަތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަދާކުރަނީ ވަރަށް މުހިންމު ދައުރެކެވެ. ޚާއްޞަކޮށް، ސްކޫލް ނިންމާ ޒުވާނުންނާއި ހާފިޒުންނަށް އަމާޒުކޮށްގެން "ޒުވާން ޙަތީބުން" ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް އެ މިނިސްޓްރީން ވަނީ ފުޅާދާއިރާއެއްގައި ފަށާފައެވެ. މި ޕްރޮގްރާމްތަކުގެ ތެރެއިން، ޚުޠުބާ ކިޔުމުގެ އުސޫލުތަކާއި، އަޑުދަށަށް ގެންނަންޖެހޭ ބަދަލުތަކާއި، އަދި އިމާމުވެ ނަމާދުކުރުމުގެ ފިގުހީ މައްސަލަތަކަށް ޒުވާނުން އަހުލުވެރިކުރެވެއެވެ. މީގެ އިތުރުން، މިނިސްޓްރީން ދަނީ މި ޒުވާނުންނަށް ބޭނުންވާ ހުއްދަތައް ދިނުމާއި، އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން މެދުނުކެނޑި ފޯރުކޮށްދެމުންނެވެ.

ސަރުކާރުގެ މައިގަނޑު އަމާޒަކީ، ރާއްޖޭގެ ކޮންމެ ރަށެއްގައިވެސް އެ ރަށެއްގެ ޒުވާނުން މިންބަރުތަކުން ފެނިގެންދިއުމެވެ. މީގެ ސަބަބުން، ރަށްރަށުގައި ޙަތީބުން ތިިބޭ މިންވަރު އިތުރުވެ، ދީނީ ހޭލުންތެރިކަން އިތުރުވެގެންދާނެއެވެ. ސަރުކާރުން ބޭނުންވަނީ ޒުވާނުންނަކީ ދީނީ ކަންކަމުގައި އިސްނަގާ، މުޖުތަމައު އިސްލާހުކުރުމުގައި ހަރަކާތްތެރިވާ ބަޔަކަށް ހެދުމަށެވެ. މިއީ ގައުމީ ފެންވަރުގައި ދީނީ ވަހުދަތު ވަރުގަދަކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.

ދަސްވެނިވުނު ކުދިންނަށް އިނާމާއި ހަނދާނީ ފިލާ ދެއްވުން----ފޮޓޯ ރައީސްއޮފީސް

މި މަސައްކަތްތަކުގެ ސަބަބުން މުޖުތަމައަށް ވަރަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށާފައިވެއެވެ. މިސްކިތްތަކާއި ޒުވާނުންނާ އޮންނަ ގުޅުން ބަދަހިވެ، ނަމާދަށްދާ ޒުވާނުންގެ އަދަދު އިތުރުވެފައެވެ. ޒުވާން ޙަތީބުންގެ ފަރާތުން ފެންނަ ރީތި ކިޔެވުމާއި، ފުރިހަމަ އަދަބު އަޚުލާގުގެ ސަބަބުން، ކުޑަކުދިންނާއި އެހެނިހެން ޒުވާނުންނަށް އެއީ ނަމޫނާ އަކަށް ވަނީ ވެފައެވެ. އަދި ދީނީ ކަންކަމަކީ ހަމައެކަނި އުމުރުން ދުވަސްވީ މީހުން ކުރާ ކަންކަން ކަމަށް އޮތް ބޯދާ ވިސްނުން ބަދަލުވެ، ދީނަށް ލޯބިކުރާ ތަހުޒީބީ ޖީލެއް އުފެދުމުގެ ބިންގާ ވަނީ އެޅިފައެވެ.

ޒުވާން ހާފިޒުންނާއި ޙަތީބުންނަކީ މި ގައުމުގެ ދީނީ އައްޑަނައެވެ. އިސްލާމިކް މިނިސްޓްރީ އާއި ސަރުކާރުން މިކަމަށް ދެއްވާ އަހަންމިއްޔަތަކީ، ދިވެހިރާއްޖޭގެ އިސްލާމީ ސަހުސިއްޔަތު ކުރިމަގުގެ ޖީލުތަކަށް ފޯރުކޮށްދިނުމަށް އެޅޭ ވަރުގަދަ ފާލަމެކެވެ. މި ފުރުސަތުގެ ބޭނުން ހިފައި، ގިނަ ޒުވާނުން ކީރިތި ޤުރުއާނާއި ދީނީ އިލްމުގެ މަގަށް ރުޖޫޢަވުމަކީ މުޅި މުޖުތަމައުގެ އުންމީދުވެސް މެއެވެ.މައިން އެމީހުން ދަރިންނާމެދު ކުރި އުންމީދުގެ އަލިގަދަ ހެއްކެކެވެ.

300 × 250

ޚިޔާލު

ޚިޔާލުތައް ޝާއިޢުކުރެވެނީ އެޑިޓަރު ބެލުމަށްފަހު

އެންމެ ފުރަތަމަ ޚިޔާލު ދެއްވާ.

ގުޅުންހުރި